ދުންފަތުގެ އިސްތިޢުމާލުކުރުމުން ލިބޭ ޞިއްޙީ ގެއްލުންތައް
ދުންފަތުން ލިބޭ ޞިއްޙީ ގެއްލުންތައް ގުނާ އަދަދުކުރެވޭ ވަރަށްވުރެ ގިނައެވެ.
ހަށިގަނޑުގެ ތަފާތު ބައިތަކަށް ދުންފަތުގެ އިސްތިޢުމާލުކުރުމުން ލިބޭ ގެއްލުންތައް
ތިރީގައި މިވަނީ އެވެ.
ނޭވާލާ ނިޒާމް
- ވައިނޮޅި ، ވައިނޮޅީގެ
ކަފިދުޅަވުން، އަޑުފޮށި ނުވަތަ ލަގޮނޑި ފަދަ ގުނަވަންތައް ހިރުވައި ފާރުވުން
- ނޭވާލާ ނިޒާމުގެ
ބަލިތައް ފަސޭހައިން ޖެހުން
- ފުއްޕާމޭގެ
މަސައްކަތް ހިންގުން ދަށްވުން
- ފުއްޕާމޭގެ
ކެންސަރު ޖެހުން
- ފުއްޕާމޭގައި
އިންފެކްޝަން އަށަގަތުން ނުވަތަ ނިއުމޯނިޔާ ޖެހުން
- ނޭވާހިއްލުން
އަދި ނޭވާލުމަށް އުދަނގޫވުން
- އެމްފައިޒީމާ
ނުވަތަ ފުއްޕާމޭގެ ތެރޭގައި ހުންނަ ވައިކޮތަޅުތައް ފުޅާވުން
ނޭވާލުމަށް ނޭވާލުމަށް އުދަގޫވަނީ ފުއްޕާމޭއިން ވައިބޭރުވާ މަގުތައް ދުޅަވެ،
ހިމަވުމުންނާއި، ފުއްޕާމޭގެ މަގުތަކުގައި ދަވަ ޖަވާމުންނެވެ. މީގެ އިތުރުން
ކެއްސުމަށް އުދަގޫވެ، ވިހަ މާއްދާތައް ހަށިގަނޑުން ބޭރުވުމަށް ހުރަސް އަޅައެވެ.
ނަތީޖާއެއްގެ ގޮތުން ފުއްޕާމޭ ފާރުވެ ގެއްލުން ލިބެއެވެ. މިގޮތަށް ވިހަ
މާއްދާތަކާއި، ދަވައާއި އަރިދަފުސް ބޭރުކުރަން އުދަނގޫވަނީ ދުންފަތުގެ
އިސްތިޢުމާލުކުރުމުގެ ސަބަބުން ނޭވާލާ ނިޒާމްގެ ބައިތަކުގެ އެތެރޭ ބަތާނަ ފަށުގައި
ހުންނަ ލޯލި ނަރުވާތަކުގެ މަސައްކަތަށް ބުރޫއަރާތީ އެވެ. މިނަރުވާ ތަކަކީ ދަވަ
އާއި އަރިދަފުސް، އަދި ހަށިގަނޑަށް ވަންނަ ބީރައްޓަހި މާއްދާތައް ހަށިގަނޑުން
ބޭރުކުރުމުގައި އެހީތެރިވެދޭ އައްޑަނަ ތަކެކެވެ. ފުއްޕާމޭގެ ކެންސަރުގެ 90
އިންސައްތަ އަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ކެންސަރެވެ. އަދި
ފަހުގެ ދިރާސާތައް ބުނާގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ އަންހެނުންނަށް
ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑެވެ.
ހިތާއި ލޭހޮޅިތަކުގެ ނިޒާމް
- ލޭމައްޗަށްދިއުން
- ހިތުގެ
ވިންދުޖެހުން އަވަސްވުން / އަވަސް އަވަހަށް ވިންދުޖެހުން
- ހަންގަނޑުގެ
ދަށުގައިވާ ލޭހޮޅިތައް ފިތި ހިމަވުން
- ސްޓްރޯކް ޖެހި
ވާގިނެތުން
- ހާރޓް އެޓޭކް
ޖެހި ހިތް ހުއްޓުން
- ފައި ފާރުވެ،
ފައިބުރިކޮށްލަން ޖެހުން
- ސަރުބީ މައްޗަށް
ދިއުން
ހަންގަނޑުގެ ދަށުގައިވާ ލޭހޮޅިތައް ފިތި ހިމަވުމުން ހަންގަނޑުގެ ފިނިހޫމިން
ދަށްވެގެން ދެއެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ލޭގެ
ޒަރީޢާއިން އޮކްސިޖަން ހަށިގަނޑުގެ ތަފާތު ޓިޝޫތަކަށް ފޯރުކޮށްދިނުން ކުޑަކޮށްދޭ
ކަމެކެވެ. އަދި ލޭއޮލަވެ، ގަނޑުވުމުގެ ފުރުޞަތު އިތުރުކޮށްދޭ ކަމެކެވެ. ސްޓްރޯކް
ޖެހުން އަދި ހާރޓްއެޓޭކް ޖެހުން ފަދަ ކަންތައް ކުރިމަތިވަނީ ދުންފަތުގެ
އިސްތިއުމާލު ކުރުމާއި ގުޅިގެން ލޭހޮޅީގެ ބަތާނަ ހަލާކުވެ،ލޭހޮޅީގެ އެތެރޭގައި
ގަނޑުލޭކޮޅު އުފެދި، ލޭދައުރުވުން ހުއްޓުމާއި ގުޅިގެންނެވެ. ދުންފަތުގެ
އިސްތިއުމާލު ކުރުމުގެ ސަބަބުން ލޭގައި ހިމެނޭ ''ހައިޑެންސިޓީ ލިޕޯޕްރޮޓީން''(HDL) ނުވަތަ ރަގަޅު
ކޮލެސްޓްރޯލް ގެ މިންވަރު ދަށްކޮށް ދެއެވެ. އަދި ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު
މަތި ކުރެއެވެ. ލޭހޮޅިތައް ހަރުވެ އެއަށް ލިބިފައިވާ އެކިފަރާތަށް ދެމި، ލެބިހެދުމުގެ
ގާބިލިއްޔަތު ގެއްލިގެން ދެއެވެ. މިހެން ދިމާވަނީ ދުންފަތުގެ އިސްތިއުމާލު
ކުރުމުގެ ސަބަބުން ލޭހޮޅީގެ ފާރުގައި ހުންނަ ''ނައިޓްރިކް އޮކްސައިޑް''(Nitric Oxide) ގެ މިންވަރު
ދަށްވާތީ އެވެ.
ރާއްޖޭގައި 2007 އަދި 2008ގައިވެސް އެންމެ
ގިނަމީހުން މަރުވެފައިވަނީ ހިތާއި ލޭހޮޅިތަކާގުޅޭ ނިޒާމްގެ
މައްސަލައިގައެވެ.އެހެންބަލިތަކާއި އަޅާބަލާއިރު މިބަލިތަކުގައި މަރުވެފައިވާ
ނިސްބަތް 2ގުނަ ނުވަތަ3ގުނަ އިތުރެވެ. ހާރޓް އެޓޭކް ނުވަތަ
ސްޓްރޯކް ޖެހިގެން ކުއްލިއަކަށް މަރުވުމަކީ ވެސް ވެދާނެ ގޮތެކެވެ.
ކޮރޮނަރީ ތްރޮމްބޯސިސް: ނުވަތަ ހާރޓް
އެޓޭކް ޖެހި ހިތް ހުއްޓުން: މިއީ ހިތަށް
ލޭފޮރުވައިދޭ ލޭހޮޅިތެރެއިން ގަނޑުލޭކޮޅެއް ހިތާހަމައަށް ވާސިލްވެގެން ހިތުގެ
ހިނގުން ހުއްޓުން(ހާރޓް އެޓޭކް). ކުރިމަތިވުމެވެ. މިގޮތަށް ދިމާވަނީ ުންފަތުގެ ދުމުގައި
ހުންނަ ވިހަމާއްދާތަކުގެ ސަބަބުން ހިތުގެ
މަސްގަނޑަށް ލޭ ފޮނުވައިދޭ ހޮޅިތައް ބެދި، އަދިއޭގެ ނަތީޖާއެއްގެ ގޮތުން
ހިތަށް ލޭ ފޮނުވައިދޭ
މިންވަރު މަދުވެ ހިތުގެ މަސައްކަތަށް
ބުރޫއެރުމުންނެވެ. މިގޮތުން މަރުވާމީހުންގެ 30%މީހުން މަރުވަނީ ދުންފަތުގެ
ސަބަބުންނެވެ. ދުންފަތުގެ އިސްތިޢުމާލުނުކުރާމީހުނަށްވުރެ 10އަހަރު ކުރިން މި
މައްސަލަ ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުނަށް ދިމާވެއެވެ.
ސެރެބްރަލް ތްރޮމްބޯސިސް ނުވަތަ ސްޓްރޯކް
ޖެހި ވާގިނެތުން މެދުވެރިވުން: މިއީ ސިކުނޑިއަށް ލޭ
ފޮނުވައިދޭ ހޮޅިތައް ބެދުމެވެ.، މީގެ ސަބަބުން ސްޓްރޯކްޖެހި، ވާގިނެތޭގޮތްވެއެވެ. މިގޮތަށް
ދިމާވަނީ ދުންފަތުގައި ހިމެނޭ ތާރުގެ ސަބަބުން ސިކުނޑީގެ ލޭހޮޅިތައް ބެދި ލޭ
ނުހިނގުމުގެ ސަބަބުންނެވެ.
ގުރުދާގެ ލޭ ހޮޅިތަކަށް މައްސަލަ ޖެހިއްޖެނަމަ
ލޭމައްޗަށް ދިއުން،އަދި ކިޑްނީ ފެއިލްވުން
ފައިފާރުވުން : ފަޔަށް ލޭ ފޮނުވައިދޭ ހޮޅިތައް ތާރުގެ ސަބަބުން ބެދި ފައިގައި ފާރު ހެދޭ.
ބައެއް ފަހަރު ފައިގެ އިނގިލިތައް މަރުވެ ބުރިކޮށްލަންޖެހޭ ފަހަރު އާދޭ
ހަޖަމުކުރުމުގެ ނިޒާމް
- މޭއެންދުން
- ގޮހޮރުގެ ފާރު /
ގޮހޮރުގައި ފާރު އުފެދުން
- ފުރަމޭގެ
ބަލިތައް
- ކްރޯންސް ބަލި
- ޑައިވާޓިކިޔުލައިޓިސް
- ފިތު ހިލަ /
ފިތުގައި ހިލަ އުފެދުން
- ގޮހޮރުގެ ބަތާނަ
ފަށުގައި އިންފްލެމޭޝަން އުފެދުމުގެ ފުރުޞަތު އިތުރުކުރުން
- ހަޖަމުކުރާ
ނިޒާމްގެ ބައިތަކުގައި އިންފްލެމޭޝަން އުފެދުން
- ހަޖަމުކުރާ
ނިޒާމްގައި އުފެދޭ ފާރުން ލޭފޭއްދުމުގެ ފުރުޞަތު އިތުރުވުން
މޭއެންދުން
މޭއެންދުން ނުވަތަ މެއިން ދިލަނެގުން(Heart
Burn) ކުރިމަތިވަނީ މައިދާ އިން އެސިޑް
އެކުލެވޭ ''މައިދާ ޖޫސް''(Gastric Juice) ކާތަކެތި ހިނގާ ހޮޅި އަށް އައުމުންނެވެ. ތަބީޢީ ގޮތެއްގައި މިކަން
ކުރިމަތިވިޔަ ނުދިނުމަށްޓަކައި، ކާތަކެތި ހިނގާ ހޮޅި ނިމޭ ހިސާބުގައި މަހުން
އުފެދިފައިވާ ވޭލެއް އަދި ސްފިންކްޓަރ އެއް ވެއެވެ. މިބުނި ވޭލް އަދި ސްފިންކްޓަރ
ގުޅިގެން އެސިޑްތައް ނުވަތަ އެސިޑް ޖޫސް (މައިދާ ޖޫސް) ތައް ކާތަކެތި ހިނގާ
ހޮޅިއަށް ވާޞިލްވިޔަނުދީ މައިދާ ގައި ހިފަހައްޓައެވެ. ދުންފަތުގެ އިސްތިއުމާލު
ކުރުމާއި ގުޅިގެން މެއިން ދިލަނެގުން ކުރިމަތިވަނީ ކުރިން ބުނި ވޭލްގެ މަސްތަކުގެ
ބާރުދޫވެ، އެސިޑްތައް މައިދާއިން ކާތަކެތި ހިނގާ ހޮޅިއަށް ވާޞިލްވުމުންނެވެ.
ގޮހޮރު ފާރު
ގޮހޮރުގެ ފާރު(Peptic Ulcer) ކިޔެނީ މައިދާ އަދި ކުޑަ ގޮހޮރުގެ ފުރަތަމަ ބައި (ޑޫއަޑިނަމް)(Duodenum) ގެ
ބަތާނައިގައި އުފެދޭ ފާރުކޮޅު ތަކަށެވެ. މިގޮތަށް ގޮހޮރުގައި ފާރު އުފެދޭ ހަގީގީ
ސަބަބު އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ގައި ފާރު
އުފެދުމާއި، ސިގިރޭޓް ބުއިމާއި ގުޅުމެއްވާކަން ވަނީ ހޯދިފައެވެ. 1989 ގައި
އޮޕަރޭޝަންކުރާ ޑޮކްޓަރުންގެ ޓީމަކުން ހާމަކޮށްފައިވާ ގޮތުގައި، ސިގިރޭޓް ބޯމީހުންނަށް
ގޮހޮރުގައި ފާރު އުފެދުން އަވަސްވެފައި، އަދި އުފެދިފައި ހުންނަ ފާރު ރަގަޅުވުމަށް
ގިނަ ދުވަސްތަކެއް ނަގައެވެ. ބައެއް ދިރާސާ ތަކުން ހާމަވެފައިވާ ގޮތުގައި ސިގިރޭޓް
ބޯމީހުންނަށް ''ހެލިކޮބެކްޓަރ ޕައިލޮރީ''(Helicobacter
pylori) ކިޔާ ބެކްޓީރިޔާ އަކުން ޖެހޭ
އިންފެކްޝަނަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑެވެ. މިދެންނެވި ބެކްޓީރިޔާ އަކީ
ގޮހޮރުގެ ފާރު އުފެދުމުގެ އެންމެ އާންމު އެއް ސަބަބު ކަމުގައި ވަނީ ބެލެވިފައެވެ.
މައިދާގައި އުފެދޭ އެސިޑް އަކީ ވެސް ފާރު އުފެދުމުގައި މުހިއްމު ދައުރެއް
އަދާކުރާ އެއްޗެކެވެ. ތަބީޢީ ގޮތެއްގައި ގިނަ އެސިޑްތައް އަހަރެމެން ކާ ކާތަކެތީގެ
ސަބަބުން ބަފަރ ވެގެން ދެއެވެ. ބަފަރ ނުވާ އެސިޑް ތައް ކުޑަގޮހޮރުގެ ފުރަތަމަ
ބަޔަށް ވާޞިލްވެ، އެތާގައި ސޯޑިއަމް ބައިކާބޮނޭޓް(Na
Bicarbonate) ގެ އެހީގައި ''ނިއުޓްރަލައިޒް''(Neutralize) ވެގެންދެއެވެ.
ބައިކާބޮނޭޓް އަކީ ޗިސްމޭ އިން އުފައްދާ ''އަލްކަލައިން''(Alkaline) އެކެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި ސިގިރޭޓް ބޯމީހުންގެ
ޗިސްމޭއިން މިބުނި ބައިކާބޮނޭޓް އުފެއްދުން ދަށްވެ، ކުޑަ ގޮހޮރުގެ ފުރަތަމަ
ބައިގައި އެސިޑްތައް ނިއުޓްރަލައިޒްވުމަށް ހުރަސް އަޅައެވެ. ނަމަވެސް ދުންފަތުގެ
އިސްތިއުމާލުކޮށް ނިމޭތާ ½ ގަޑިއިރުގެ ތެރޭގައި ތަބީޢީ ގޮތެއްގައި ޗިސްމޭއިން
ބައިކާބޮނޭޓް އުފައްދަން ފަށާކަން ފަހުންވަނީ އެނގިފައެވެ. ނަތީޖާއެއްގެ ގޮތުން
ފާރު އުފެދުމަށް މަގުފަހިވެގެން ދެއެވެ. އަނެއް ބައި ދިރާސާތަކުން ހާމަވެފައިވާ
ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މައިދާ އިން އެސިޑް އުފެއްދުން
އިތުރުކުރާ ކަމެކެވެ.
ނޯޓް:- ބަފަރ:- ބަފަރ(Buffer) އަކީ ދިޔާ
ނުވަތަ ގިރިގެންދާ އެއްޗެއްގައި ހައިޑްރަޖަން އަޔަން އެކުލެވޭ މިންވަރު
ކޮންޓްރޯލްކުރާ މާއްދާ ތަކެވެ. ބަފަރކުރުމަކީ ދިޔާ އެއްޗެއްގައި ހައިޑްރަޖަން
އެކުލެވޭ މިންވަރު ކޮންޓްރޯލް ކުރުމެވެ. މިގޮތުން ބަފަރ އަކަށް އެސިޑް އެއްކުރެވޭ
ހިނދު އޭގެ ތެރެއަށް ހައިޑްރަޖަން ދަމާލައެވެ. އަދި ބޭސް އެއް އެއްކުރެވޭ ހިނދު
ހައިޑްރަޖަން އެއިން ބޭރުކޮށްލައެވެ.
ފުރަމޭގެ ބަލިތައް
ފުރަމޭ އަކީ ހަށިގަނޑުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ގުނަވަނެކެވެ.
ބަނގުރާ، ތަފާތު ބޭސްތައް، އަދި އެހެނިހެން ވިހަ މާއްދާތަކުގައި އެކުލެވޭ ވިހައިގެ
ބާރު ދުއްވާލުން، އަދި އެމާއްދާތައް ހަށިގަނޑުން ބޭރުކުރުމުގައި މުހިއްމު ދައުރެއް
ފުރަމޭ އަދާކުރެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މިބުނި މަސައްކަތަށް
ބުރޫއަރާ ނުވަތަ ހުރަސްއަޅާ ކަމެއްކަމަށްވަނީ ސާބިތުވެފައެވެ. ބައެއް ދިރާސާ
ތަކުން ދައްކާގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ބަނގުރާ ބުއިމުގެ
ސަބަބުން ކުރިމަތިވާ ފުރަމޭގެ ބަލިތައް އިތުރަށް ނުރައްކާތެރި ކުރުވާ ކަމެކެވެ.
މިގޮތުން ކުރިމަތިވެދާނެ ބަލިތަކުގެ ތެރޭގައި ފުރަމޭ ދުޅަވުން ގެ ވައްތަރުތައް
ކަމަށްވާ ހެޕަޓައިޓިސްއޭ، އަދި ހެޕަޓައިޓިސްބީ ފަދަ ބަލިތައް ހިމެނެއެވެ.
ކްރޯންސް ބަލި
ކްރޯންސް ބަލި އަކީ ކުޑަ ގޮހޮރުގެ އެތެރޭ ބަތާނަ ފަށުގައި އިންފްލެމޭޝަން
އުފެދޭގޮތްވާ ބައްޔެކެވެ. މިކަމުގެ ސަބަބުން ބަނޑުގައި ރިހުން އަދި ބޭރަށްހިންގުން
ކުރިމަތި ކުރުވައެވެ. މިބަލީގެ އަސަރު އާންމުކޮށްކުރަނީ ކުޑަގޮހޮރުގެ ބައިތަކަށް
ކަމަށްވިޔަސް ހަޖަމުކުރާ ނިޒާމްގެ ކޮންމެ ހިސާބަކަށް ވެސް މިބަލީގެ އަސަރު
ކުރުމަކީ ވެދާނެ ގޮތެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު
ނުކުރާ މީހުންނަށްވުރެ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް މިބަލި ޖެހުމުގެ
ފުރުޞަތު ބޮޑެވެ. މިގޮތުން ބަލި ޖެހުމުގެ ފުރުޞަތު ބޮޑީ ކީއްވެގެންކަން އަދި
ހޯދިފައެއް ނުވެއެވެ. ނަމަވެސް ބައެއް ނަޒަރިއްޔާތައް ބުނާގޮތުން ދުންފަތުގެ
އިސްތިއުމާލު ކުރުމުން ކުޑަ ގޮހޮރުގެ ދިފާޢީ ބާރު ދަށްވެ، ލޭހިގުން ދަށްވުމުން
އިންފްލެމޭޝަން އުފެދުމަކީ ވެދާނެ ގޮތެކެވެ.
ޑައިވާޓިކިޔުލައިޓިސް
ޑައިވާޓިކިޔުލަމް އަކީ ގޮހޮރު ފަދަ ގުނަވަން ތަކުގެ އެތެރޭގެ ކައިރިފަށް
ނުވަތަ ފާރުގައި އުފެދޭ ކޮތަޅެއްހެން އުފުލިފައިވާ އުފުލުމެކެވެ.
ޑައިވާޓިކިޔުލައިޓިސްގެ މާނައަކީ މިބުނި ބައިގައި އިންފްލެމޭޝަން އުފެދުމެވެ.
ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް މިބަލި ޖެހުމުގެ ފުރުޞަތު ބޮޑެވެ. މިބަލި
ޖެހެނީ އާންމުކޮށް 50 އަހަރުން މަތީގެ މީހުންނަށެވެ. އެއީ އުމުރުން ދުވަސްވުމުން
މަހުގެ ފަށަލަ ދޫވާތީ އެވެ. ހަމަ މިހެން ބަލި ޖެހުމުން ކުރިމަތިވާ އެތެރެއަށް
ލޭހިލުން ގެ ފުރުޞަތު ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ބޮޑުކަމަށް ވެއެވެ.
ދިފާޢީ ނިޒާމް
- ދިފާޢީ ނިޒާމްގެ
މަސައްކަތް ރަގަޅަށް ފުރިހަމަ ނުކުރެވުން
- ފަސޭހައިން
ބަލިތަކަށް ހުށަހެޅުން ނުވަތަ ވަރަށް އަވަހަށް ބަލިޖެހޭގޮތްވުން ނުވަތަ
ކައިރި ކައިރީގައި ބަލިވުން
- ބަލީގައި ފަސޭހަނުވެ
ގިނަ ދުވަހު އުޅެންޖެހުން
މަސްތަކާއި ކަށިތައް އެކުލެވޭ ނިޒާމް
- ފަޔާއި އަތުގެ
އިގިލިތަކަށް ލޭފޮނުވައިދިނުން ކުޑަވުން
- މަސްތައް ފިތުން
ނުވަތަ މަސްތައް ފިތި ވާންވެ، ކުރުގެޅި ވާޅުވުން
- ކަށިތައް
ތުނިވުން / ކަށި ފީވުން ނުވަތަ ކަށިތައް ފަސޭހައިން ބިދި ރެދުލުން
- ބިނދި ، ނުވަތަ
ރެނދުއަޅާފައިވާ ކަށިގަނޑު ރަގަޅުވުމަށް ގިނަ ދުވަސްނެގުން
- ހުޅުނެއްޓުން
ކަށިތައް ތުނިވެ، ކަށި ފީވުން ފަދަ ކަންތައްތައް ކުރިމަތިވަނީ ދުންފަތުގެ
އިސްތިއުމާލު ކުރުމުގެ ސަބަބުން ހަށިގަނޑުގައި ހިނގާ ކަށި އުފެއްދުމުގެ
މަސައްކަތަށް ބުރޫއަރާތީ އެވެ. އާޚިރު ނަތީޖާ އަކީ ކަށިތައް ތުނިވެ، ކަށި ފީވާން
ފެށުމެވެ.
އިއްދައިން ކެނޑުމަށްފަހު ދުންފަތުގެ އިސްތިއުމާލު ކުރާ އަންހެނުންނަށް
ޅިނދުކަށިގަނޑު ބިއްދައިގެން ދިއުމުގެ ފުރުޞަތު ބޮޑު ކަމަށް ވެއެވެ. ދުންފަތުގެ
އިސްތިއުމާލުކުރާ މީހާ އަކީ ބަރުތަކެތި އުފުލާ ހަދާ މީހެއްނަމަ، ބުރަކަށީގެ
ތިރީގައި ރިއްސުން، އަދި އުނަގަނޑުގައި ރިހުން ފަދަ ކަންތައްތައް ކުރިމަތިވުމުގެ
ފުރުޞަތު ބޮޑުކަމަށް ވެއެވެ. ބިދިފައިވާ ނުވަތަ ރެނދުއަޅާފައިވާ ކަށިގަނޑު
ރަގަޅުވުމަށް ގިނަ ދުވަސް ނެގުމަކީ ވެދާނެ ގޮތެކެވެ. މިގޮތަށް ދިމާވަނީ ދުންފަތުގެ
ދުމުގައި ހިމެނޭ ނިކޮޓީންގެ ސަބަބުން ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭ
ފޯރުވައިދިނުން ދަށްކުރާތީ އެވެ. އަދި މީގެ އިތުރުން އަލަށް އުފެދެމުން އަންނަ
ސެލްތައް ބޮޑުވުމަށް ވެސް ދުންފަތުގެ ދުމުގެ އެކުލެވޭ ތަފާތު ވިހަ ކެމިކަލްތައް
ހުރަސްއަޅައެވެ.
ސިކުނޑި އާއި، ނާރުތަކުގެ ނިޒާމް
- ދެވިހިފުން
- ސިކުނޑިއަށް
ލޭފޯރުކޮށްދިނުން ދަށްވުން
- ސްޓްރޯކް ޖެހުން
- އަތްފައިގެ
ނާރުތައް ހަލާކުވެ އައްސިވުން
ސިކުނޑީގެ މައިގަނޑު ޓިޝޫތައް ކަމުގައިވާ ''ގްރޭ މޭޓަރ'' އަދި ''ވައިޓް
މޭޓަރ'' އުފެދިފައިވަނީ 13 ބިލިއަނަށްވުރެ ގިނަ ސެލްތައް ގުޅި ލާމެހިގެންނެވެ.
ހަށިގަނޑުގެ އެކިއެކި މަސައްކަތްތައް ކޮންޓްރޯލްކުރާ ނާރުތަކުގެ ކުރިފަޅަނީ މިބުނި
ޓިޝޫ ތަކުންނެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ލޭގެ ތެރެއަށް
ވާޞިލްވާ ކޮންމެ މާއްދާއެއްގެ ސަބަބުން ސިކުނޑި އާއި އެއާއި ގުޅިފައިވާ ނާރުތަކުގެ
ނިޒާމް އަށް އޭގެ އަސަރު ފޯރުވައެވެ. ދުންފަތުގެ ދުމުގައި ހިމެނޭ ''ނިކޮޓީން''
އަކީ ސިކުނޑިއާއި، ނާރުތަކުގެ ނިޒާމް މުރާލިކޮށް، ހީވާގިކޮށް ތާޒާކުރުވާ
އެއްޗެކެވެ. ސިގިރޭޓަށް ދެވިހިފަނީ މިބުނި ބައިތައް އޭގެ ސަބަބުން މުރާލިކުރުވާތީ
ކަމަށް ވެސް ވެދާނެއެވެ. ހަށިގަނޑުގެ އެހެން ގުނަވަންތަކެކޭ އެއްފަދައިން
ފުރިހަމައަށް މަސައްކަތްކުރުމަށް ސިކުނޑިއަށް ވެސް ބަރާބަރަށް ލޭފޯރުކޮށްދޭން
ޖެހެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ހަށިގަނޑުގައިވާ ލޭހޮޅިތައް
ހިމަވެ، ހަނިވެގެން ދެއެވެ. އެގޮތުން ސިކުނޑިއަށް ލޭފޮނުވައިދޭ މައިލޭހޮޅިއެއް
ކަމުގައިވާ ''ކެރޮޓިޑް އާޓަރީ'' ގެ ތެރޭގައި ސަރުބީ ޖަމާވެ އެލޭހޮޅި ހަނިވެގެން
ދެއެވެ. ކުރިން ބުނިގޮތަށް ލޭހޮޅިތައް، ފިތި، ހަނިވެ ހިމަވެގެންދިއުމުން
އޭގެތެރޭގައި ގަނޑުލޭކޮޅެއް އަށަގަތުމުގެ ފުރުޞަތު ފަހިވެއެވެ. މާނައަކީ ލޭގެ
އޮލަކަންމަތިވެ،ތަތްވެ، ގަނޑުލޭހޮޅެއް އުފެދި ލޭދައުރުވުމަށް ހުރަސް އެޅުމެވެ.
ނަތީޖާއަކީ ސިކުނޑިއަށް ލޭފޮނުވުން ކުޑަވެގެން ނުވަތަ ދަށްވެގެން ދިއުމެވެ.
މިގޮތުން ސިކުނޑިއަށް ލޭފޯރުވުމުގައި ދަތިތަކާއި ނުވަތަ ހުރަސްތަކާއި
ކުރިމަތިވެއްޖެނަމަ ތަފާތު އުދަގޫތައް މެދުވެރި ކުރުވައެވެ. އާޚިރު ނަތީޖާ އަކީ
ސްޓްރޯކް ޖެހުން ފަދަ ކަމެއް މެދުވެރިވުމެވެ. ސްޓްރޯކް ޖެހުމުގެ ފުރުޞަތު
ދުންފަތުގެ އިސްތިއުމާލު ކުރާމީހުންނަށް ބޮޑުކަމަށްވަނީ ފާހަގަ ވެފައެވެ. އަދި
ދުނިޔޭގެ ބައެއް އާބާދީ ތަކުގައި މެދު އުމުރަށް އެޅުމަށްފަހު މަރުވާ ފިރިހެނުންގެ
މައިގަނޑު ސަބަބަކަށްވަނީ ސްޓްރޯކް ޖެހުމެވެ.
ތައިރޮއިޑް ގްލޭންޑް
- ތައިރޮއިޑް
ހޯރމޯން އުފެއްދުމަށް ބުރޫއެރުން
- ތައިރޮއިޑް
ގްލޭންޑްގެ ބަލިތައް ޖެހުން
ތައިރޮއިޑް ހޯރމޯން އުފެއްދުމުގެ މަސައްކަތަށް ބުރޫއަރަނީ ދުންފަތުގެ
ދުމުގައި ހިމެނޭ މާއްދާއެއް ކަމުގައިވާ ''ސައެނައިޑް'' ގެ ސަބަބުންނެވެ.
ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ތައިރޮއިޑް ގްލޭންޑް ގެ ބަލިތައް
ޖެހުމުގެ ފުރުޞަތު 3 ގުނަ އިތުރެވެ. ޚާއްޞަކޮށް ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް
ހިގުން އަވަސްވުން ނުވަތަ ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ހިގުން ލަސްވުން ފަދަ
ކަންތައްތައް މެދުވެރި ކުރުވައެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރާ
އަންހެނުންނަށް ތައިރޮއިޑް ގްލޭންޑްގެ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑެވެ. އަޔޮޑިން
މަދުވެގެން ޖެހޭ ބައްޔެއް ކަމުގައިވާ ތައިރޮއިޑް ގްލޭންޑް ދުޅަވެބޮޑުވުން ފަދަ
ބަލިތަކާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ގުޅުމެއްވާކަމަށް ބުނެވެއެވެ.
ހަންގަނޑު
- ހަންގަނޑު
ހިކުން
- ހަމުގެ
ދަށުގައިވާ ލޭހޮޅިތައް ހަނިވެ، ހަންގަނޑަށް ލޭފޮނުވައިދިނުން ދަށްވުން
- ހަންގަނޑުގައި
ރޫޖެހުން އަވަސްވުން
- ވިޓަމިން އޭ ގެ
މިންވަރު ދަށްކުރުން
- ތުންފަތާއި
ލޮލުގެ ވަށައިގެންވާ ހަމުގެ ކުލަ އަދިރިވެ، ކަޅުވުން
ހަންގަނޑު ހިކެނީ ދުންފަތުގެ ދުމުގެ އަސަރު ހަންގަނޑަށް ކުރުމުންނެވެ.
ސިގިރޭޓްގެ ދުމުން ގެއްލުން ލިބިފައިވާ ހަންގަނޑު ހުންނަނީ އަޅިކުލައިގައި ދޫވެ،
ރޫޖެހިފައި ހުންނަ ކަހަލަ ގޮތަކަށެވެ. ފަހުގެ ދިރާސާ އެއް ބުނާގޮތުގައި ދުމުގެ
ސަބަބުން ހަންގަނޑަށް ބަދަލު އަންނަނީ ހަމުގައި އެކުލެވޭ ކޮލެޖަން ބައިބައިކުރާ
އެންޒައިމް އުފައްދާ މިންވަރު ދުންފަތުގެ އިސްތިއުމާލު ކުރުމާއި ގުޅިގެން
އިތުރުވެގެންދާތީ އެވެ. ކޮލެޖަން އަކީ ހަމުގެ އޮނިގަނޑުގައި ހިމެނޭ އަސާސީ
ޕްރޮޓީން އެކެވެ. ހަމުގެ އިލާސްޓިސިޓީ ދަމަހައްޓަނީ ކޮލެޖަން އެވެ. ދުންފަތުގެ
އިސްތިއުމާލު ކުރުން އިތުރުވާ ވަރަކަށް ހަންގަނޑުގައި ރޫޖެހުން އަވަސް ކުރުވައެވެ.
ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ މޫނުގައި އުމުރުން 40 އަހަރު ވާއިރު
ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ މޫނުގައި އުމުރުން 60 އަހަރުވާއިރު
ރޫޖެހިފައި ހުންނަ ގޮތަށް ރޫޖެހިފައި ހުރެއެވެ. ތަކުރާރުކޮށް ސިގިރޭޓް ދެމުމުގެ
ސަބަބުން ހިކިކޮށް ތިބޭ މީހުންގެ ދެކޯ ވަޅުވަދެއެވެ.ހަންގަނޑުގެ ދަށުގައިވާ
ލޭހޮޅިތައް ހަނިވެ، ހަންގަނޑަށް ލޭފޮނުވައިދިނުން ދަށްވުމަކީ ހަންގަނޑަށް ބޭނުންވާ
އޮކްސިޖަން އާއި ކާނާ ފޯރުވައި ދިނުމުގައި ހުރަސްތަކާއި ކުރިމަތިވާނެ ކަމެކެވެ.
ވިޓަމިންގެ އޭގެ މިންވަރު ދަށްވުމަކީ ވެސް ދުންފަތުގެ އިސްތިއުމާލުކުރުމުން
ކުރިމަތިވާ ކަމެކެވެ. ވިޓަމިން އޭ އަކީ ހަންގަނޑަށް ގެއްލުން ދެނިވި މާއްދާ ތަކުން
ހިމާޔަތްކޮށްދޭ އައްޑަނަ އެކެވެ.
ކެންސަރު
ދުނިޔޭގައި ފުއްޕާމޭގެ ކެންސަރ ޖެހޭ މީހުންގެ 90%
މީހުންނަކީ ދުންފަތުގެ އިސްތިޢުމާލުކުރާމީހުންނެވެ. ދުންފަތުގެ
އިސްތިޢުމާލުނުކުރާމީހުންގެ ތެރެއިން މިބަލި ޖެހިފައިވަނީ 0.5% މީހުންނަށެވެ. ދުވާލަކަށް
15ސިގިރޭޓަށްވުރެ ގިނައިން ބޯ ކޮންމެ 5 އިން 1 އަކު މަރުވަނީ ފުއްޕާމޭގެ
ކެންސަރުގައެވެ. އަވަހަށް ކެންސަރު ޖެހުމުގައި ސިގިރޭޓް ބޯ އަދަދާއި، ސިގިރޭޓް
ބުއިމުގައި ހޭދަކޮށްފައިވާ މުއްދަތާއި، ދުމުގެ އަސަރު ފޮނުވާލާ ފުންމިން
މުޙިއްމުވާނެއެވެ. ދުންފަތުގެ އިސްތިޢުމާލުކުރާ
މީހަކަށް އަނގައިގެ ކެންސަރުޖެހުމުގެ ފުރުސަތު 4ގުނަ އިތުރެވެ. ފުއްޕާމޭގެ ކެންސަރާއި، ކަރުގެ ކެންސަރާއި، ލަގޮނޑީގެ
ކެންސަރު، ބަނޑުގެ ކެންސަރާއި، އަނގައިގެ ކެންސަރާއި، އުރަމަތީގެ ކެންސަރާއި،
ގުރުދާގެ ކެންސަރު، މޭގަނޑުގެ ކެންސަރު، އަދި ރަހިމުގެ ދޮރުގެ ކެންސަރު ފަދަ
ކެންސަރުގެ ތަފާތު ވައްތަރުތަކަށް ހުޅުވާލެވޭ ދޮރަކަށް ދުންފަތުގެ
އިސްތިޢުމާލުކުރުން ވެގެންދެއެވެ.
ލޯ : ލޯ ހިރުވައި ކަހައި
ލޮލުން ފެންއައުމަކީ ވެދާނެ ގޮތެކެވެ. މީގެ އިތުރުން ލޯ ފުސްވުން އަދި ލޮލުގެ ފެނުމަށް
ބަދަލު އައުމާއެކު ލޯ އަދިރިވުމުގެ ފުރުޞަތު އިތުރުވެގެން ދެއެވެ.
ނޭފަތް: ވަސް ދެނެގަތުމުގެ
ހިއްސު ދަށްވުން އަދި އެއްޗެތިން ވަސްނުދުވުމަކީ ވެދާނެ ގޮތެކެވެ. ނޭފަތާއި
ގުޅުންހުރި ބައިތަކަށް ވެސް ކެންސަރު ޖެހޭގޮތް ވެއެވެ. ނޭފަތުގެ އެތެރޭ ބަތާނަ
ފަށަލަ ހަލާކުވެ، ހިކި ފާރުވާގޮތް ވެއެވެ. ބައެއް ފަހަރު ނޭފަތުން ފެންއައުމަކީ
ވެސް ވެދާނެ ގޮތެކެވެ.
ކަންފަތް: ބީރުވުމަކީ ދުންފަތުގެ
އިސްތިޢުމާލު ކުރުމުން ވެދާނެ ގޮތެކެވެ. މީގެ އިތުރުން ކަންފަތުގައި ޖަރާސީމު
އަށަގަތުން، ފަދަ ކަންތައްތައް މެދުވެރި ވެއެވެ.
އަނގަ: އަނގައި ގެ ކެންސަރު
ޖެހުމުގެ ފުރުޞަތު ދުންފަތް ލައިގެން ދުފާމީހުންނަށް ވަކިން ބޮޑުކަން ފާހަގަ
ކުރެވެއެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންނަށް އަދި
ތުންފަތުގެ ކެންސަރު، އަދި ކަރުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑެވެ. މީގެ
އިތުރުން ހިރުގަނޑު ގިރި، ހިރުގަނޑު ދުޅަވުން،ދަތްފަނިކެއުން ދަތްތައް ފޭބުން
ކުރިމަތިވުމަކީ ވެސް ވެދާނެ ގޮތެކެވެ. އަނގައިން ނުބައިވަސް ދުވައި، ދަތްތަކުގެ
ރީނދޫ ކުލައެއް ޖަހައި ދަތްތަކުގެ ހުދުކަން ގެއްލި ދެއެވެ.
ޚާއްޞަކޮށް ފިރިހެނުންނަށްކުރާ އަސަރު
- ދަރިފަނީގެ
މިންވަރު މަދުވުން
- ރަގަޅަށް
ފުރިހަމަނުވާ ދަރިފަނި ގިނަވުން
- ދަރިފަނި
ހަރަކާތްކުރުން ލަސްވުން
- ޖިންސީ
އެދުންވެރިކަން ކުޑަވުން
- ފިރިހެނުންގެ
ޖިންސީ ހޯރމޯންގެ މިންވަރު ދަށްވުން
- ޖިންސީ
ހީނަރުކަން ނުވަތަ ވަޅޯކަން އައުން
- ދަރިން
ނުލިބޭގޮތްވުން
- ފިރިހެން
ހައްޓަށް ކެންސަރު ޖެހުމުގެ ފުރުޞަތު އިތުރުވުން
ޖިންސީ ހީނަރުކަން ނުވަތަ ވަޅޯކަން ފިރިހެނާއަށް ގެނެސްދެނީ ދުންފަތުގެ
އިސްތިއުމާލު ކުރުމުގެ ސަބަބުން ޖިންސީ ގުނަވަނަށް ލޭފޯރުވައިދޭ މިންވަރު
ދަށްކުރާތީ އެވެ. މިގޮތަށް ލޭދައުރުވުން ދަށްވަނީ ފިރިހެން ހައްޓަށް ލޭފޯރުކޮށްދޭ
ލޭހޮޅިތަކުގައި ސަރުބީ ޖަމާވެ، އެތެރޭގައި ގަނޑުލޭކޮޅެއް އުފެދި ލޭހިނގުމަށް
ހުރަސް އަޅާތީ އެވެ. ދިރާސާ އަކުން
ދައްކާފައިވާ ގޮތުގައި ލޭމައްޗަށްދިއުން ހުރެފައި، ދުންފަތުގެ އިސްތިއުމާލު
ކުރާނަމަ ޖިންސީ ވަޅޯކަން ކުރިމަތިވުމުގެ ފުރުޞަތު އެތައް ގުނައަކަށް އިތުރުވެގެން
ދެއެވެ. ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނާއި އަޅާބަލާއިރު ދުންފަތުގެ
އިސްތިއުމާލު ކުރާމީހުންނަށް ޖިންސީ ވަޅޯކަން ކުރިމަތިވުމުގެ ފުރުޞަތު 50
އިންސައްތަ އިތުރުކަން ވަނީ ފާހަގަކުރެވިފައެވެ.
އުމުރުން 30،40 އަހަރުގައި 50% ދުންފަތުގެ
އިސްތިޢުމާލުކުރާ މީހުންނަށް ޖިންސީ ނުކުޅެދުންތެރިކަން ނުވަތަ
ވަޅޯކަން،ދިމާވެއެވެ. ފިރިހެނާގެ ކުރިމަތިފަރާތަށް ފުރިހަމައަށް ލޭ ނުދާނަމަ
ފިރިހެންހަށި ވާނެއް ނުވާނެ އެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމުން ލޭހޮޅިތައް
ހަލާކުވެއެވެ. އަދި ނިކޮޓިންގެ ސަބަބުން ނާރުތައް ހިމަވެއެވެ. އަދި ޖިންސީ ގުނަވަނަށް
ލޭ ދިއުން ދަށްކޮށްދެއެވެ. މިކަމަކީ މަޑުމަޑުން ގޮސް ދިމާވާ ކަމެކެވެ.މިއަދު
މައްސަލައެއްނެތްކަމުގާ ވިޔަސް ފަހުން ވާނެގޮތަކާއި މެދު ވިސްނާލުން މުހިއްމެވެ. މީގެ
އިތުރުން ބޭރުވާ މަނީގެ މިންވަރާއި އަދަދު މަދުވުން،މަނި ނުކުޅެދޭ އެއްޗަކަށްވެ،
އަދި ބަލިކަށިވެގެންދެއެވެ.
ޚާއްޞަކޮށް އަންހެނުންނަށްކުރާ އަސަރު
- ދަރިމައިވުމުގެ
ނިސްބަތް ދަށްވުން
- ޖިންސީ
އެދުންވެރިކަން ކުޑަވުން
- އަންހެނުންގެ
ޖިންސީ ހޯރމޯންގެ މިންވަރު ދަށްވުން
- ކަށިތައް
މުރަނަވެ ފީވުން
- މައްސަރުކަންތައް
ގަވާއިދުން ނުޖެހުން
- މައްސަރު
ކަންތައް ނުޖެހުން / ޙައިޟުނުވުން
- މާއަވަހަށް
އިއްދައިން ކެނޑުން
- ރަހިމުގެ ދޮރު،
ފަރުޖު، އަދި އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުވުން
އުމުރުން 35 އަހަރަށްވުރެ މަތިވެފައިވާ، ދުންފަތުގެ އިސްތިއުމާލުކުރާ
އަންހެނުން ދޭތެރެދުރުކުރުމަށް ގުޅަ ބޭސް ބޭނުންކުރާނަމަ ސްޓްރޯކް ޖެހުން ނުވަތަ
ހާރޓް އެޓޭކްޖެހުމުގެ ފުރުޞަތު 10 ގުނަ އިތުރުކަމަށް ޑޮކްޓަރުންވަނީ
ހާމަކޮށްފައެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމާއި ،މައިމީހާއާއި، ތުއްތު
ދަރިފުޅު
ތުއްތު ދަރިފުޅަށްކުރާ އަސަރު
- ބައިގެންދިއުން
- ދުވަސް ނުފުރާ
ވިހެއުން
- ބަރުދަން
ލުއިވުން
- ތުއްތު
ދަރިފުޅުގެ ހަށިގަނޑުގައި ޢައިބު އުފެދުމުގެ ފުރުޞަތު އިތުރުވުން
- ބޮޑުވުން
ލަސްވުން
ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ޢައިބު އުފެދެން ދިމާވަނީ ދުންފަތުގެ
އިސްތިއުމާލު ކުރުމުގެ ސަބަބުން މައިމީހާގެ ހަށިގަނޑުގައި އެކުލެވޭ ފޮލިކް އެސިޑް
ގެ މިންވަރު ދަށްވާތީ އެވެ.
ތުއްތު ދަރިފުޅުގެ އުމުރުން ފުރަތަމަ އަހަރުގެ ތެރޭގައި
މައިމީހާ ދުންފަތުގެ އިސްތިއުމާލު ކުރާނަމަ:-
- ކަންފަތުގެ
ބަލިތައް ޖެހުން
- ގޮތްނޭނގި
މަރުވުން
- ނޭވާހިއްލުން
- ބައެއް ކަހަލަ
ކެންސަރު ޖެހުމުގެ ފުރުޞަތު އިތުރުވުން
ދުންފަތުގެ އިސްތިއުމާލުކުރުމާއި އުމުރުން ދުވަސްވުން
- ލޯފުސްވުން
- ލޮލުގެ ފެނުމަށް
ބަދަލުއައުން / ލޯއަދިރިވުން
- ހިރުގަނޑު
ގިރުން / ދަތްތައް ފޭބުން
- ހަންގަނޑުގައި
ރޫޖެހުން އިތުރުވުން
- ތަލަވުން / އަވަހަށް ބޯނުރަވުން
- ބީރުވުން
- ހުއްޓުމެއްނެތި
ބޮޑުކަމު ނުވަތަ ކުޑަކަމު ދާންޖެހުން
ދުންފަތުގެ އިސްތިއުމާލުކުރުމާއި ކުޑަކުދިން
- ކެއްސުން /
ނޭވާކުރުވުން / ނޭވާލާ ނިޒާމްގެ އުދަގޫތައް
- ފުއްޕާމޭގެ
ކެންސަރުޖެހުމުގެ ފުރުޞަތު ބޮޑުވުން
- އުމުރު ކުރުވުން
ކެއްސުން ،ނޭވާކުރުވުން ފަދަ ނޭވާލާ ނިޒާމް އާއި ގުޅޭ އުދަގޫތައް ދުންފަތުގެ
އިސްތިއުމާލުކުރާ ކުޑަކުދިންނަށް 5 ގުނަ އިތުރެވެ. ކުޑައިރު ދުންފަތުގެ
އިސްތިއުމާލުކުރަން ފަށާމީހުން ބޮޑުވާއިރު ތިބޭނީ ދުންފަތުގެ އިސްތިއުމާލު
ކުރުމުގެ އާދަ އަށަގެންފައެވެ. އެހެންކަމުން މިފަދަ މީހުން ގެ ދިރިހުންނާނޭކަމަށް
ލަފާކުރާ މުއްދަތު ކުރުކަން ފާހަގަވެއެވެ. މާނައަކީ އުމުރު ކުރުވެގެން ދެއެވެ.
ފުއްޕާމޭގެ ކެންސަރު ޖެހުމަށް މަގުފަހިވަނީ ފުރާ އުމުރުގައި ދުންފަތުގެ
އިސްތިއުމާލު ކުރުމުން ފުއްޕާމޭގެ ވިރާސީ ބަހާތަކަށް ބަދަލު އަންނާތީ އެވެ.
ކުޑަކުދިން ދުންފަތުގެ އިސްތިއުމާލުކުރަން ފަށަނީ ކީއްވެ؟
- މަންމަ އަދި ބައްޕަ އަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހަކަށް ވުން.
- ރަހުމަތްތެރިންގެ ނުފޫޒު
- މަޖަލަކަށް
- އަޖުމަ ބަލާލުމަށް.
- އެހެން މީހުންނަށް ތިމާއަކީ ގަދަ މީހެއްކަން ދައްކާލުމަށް.
- ހާސްކަން ފިލުވާލުމަށް.
ނުސީދާ ގޮތެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން
ނުސީދާގޮތެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމޭ ބުނެވެނީ އެހެން މީހަކު
ދުންފަތުގެ އިސްތިއުމާލުކުރުމުން ބޭރުވެގެންދާ ދުން އެކަން ނުކުރާ މީހެއްގެ
ހަށިގަނޑަށް ވާޞިލްވުމަށެވެ. މައިމީހާ އަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ
މީހަކަށްވެފައި ބަފައި މީހާއަކީ ދުންފަތު އިސްތިއުމާލު ކުރާ މީހެއްނަމަ، ބަފައި
މީހާ މައިމީހާގެ ކައިރީގައި ހުރެގެން ދުންފަތުގެ އިސްތިއުމާލު ކުރާ ހިނދު،
މައިމީހާގެ ހަށިގަނޑަށް ދުންފަތުގެ ދުން ވިހަ މާއްދާތަކާއެކު ވާޞިލްވެގެން ދެއެވެ.
ނަތީޖާ އަކީ ބަނޑުގައިވާ ތުއްތު ދަރިފުޅަށް ކުރިން ބުނި މައްސަލަތައް މެދުވެރި
ވުމެވެ.
ނުސީދާ ދުމުން ތުއްތު ކުދިންނަށް ކުރާ
އަސަރު
•
ވިހާއިރު ދަރިފުޅު މަރުވެފައި އޮތުން
•
ވިހާއިރު ބަރުދަން ލުއިވުން
•
ދަރިފުޅު އުފެދުމުގައި އައިބު ހުރުން
•
ޅަފަތުގައި ކުއްލިއަކަށް މަރުވުން
•
ނޭވާ ހިއްލުން
•
ފުއްޕާމޭގެ އިންފެކްޝަން
•
ވިސްނުމުގެ އުނިކަން
•
ކަންފަތުގެ އިންފެކްޝަން
ނުސީދާ ދުމުން މާބަނޑު މީހާއަށް ކުރާ
އަސަރު
•
ބައިގެން ދިއުން
•
ދުވަސް ނުފުރާ ވިހެއުން
•
މާބަނޑުދުވަސްވަރާއި ވެހުމުގައި ދިމާވާ އެކި ނުރައްކާތައް

No comments:
Post a Comment