Wednesday, June 17, 2015

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން
ދުންފަތުގެ އިސްތިއުމާލުކުރަން ހުއްޓާލަން ނިންމުމަކީ ދުންފަތާއި ނުލައި ދިރިއުޅުން ހޭދަކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ވަރަށްގިނަ މަސައްކަތް ކުރަންޖެހެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ އެކަމަށް ވަގުތު ބޭނުންވާނެ ކަމެކެވެ. ނަމަވެސް ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ މިއީ ގިނަ ފަހަރަށް ކާމިޔާބުވާ ކަމެކެވެ.

ސިގިރޭޓް ބުއިން ހުއްޓާލުމަށް ރޭވުން
(1)- ހުއްޓާލަން ބޭނުންވާ ސަބަބުތައް ދެނެގަތުން : ތިރީގައިވާ ލިސްޓުން ހުއްޓާލަން ބޭނުންވާ ސަބަބުތައް ފާހަގަ ކުރާށެވެ. އިތުރު ކަމެއްވާނަމަ ލިސްޓުގެ ތިރިއަށް އިތުރުކޮށްލާށެވެ.
·         ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރުމަށް
·         ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކުރުމަށް
·         ފުއްޕާމޭގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރުމަށް
·         ގައިގެ ހަންގަނޑު ދުޅަހެޔޮކޮށް ޒުވާންކަންމަތީ ދެމެހެއްޓުމަށް
·         ސިގިރޭޓް ގަތުމަށް ހޭދަކުރާ ފައިސާ ރައްކާކުރުމަށް
·         ދަރިންނަށް ރަގަޅު މިސާލަކަށްވުމަށް
·         ލިސްޓުގައި ނުވާ ސަބަބެއްނަމަ ...................
(2)- ސިގިރޭޓް ބުއިން ހުއްޓާލުމުން ކުރިމަތިވާނެ އެންމެ އުދަނގޫތަކާއި، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތައް ބަޔާންކުރާށެވެ.
(3) - ސިގިރޭޓް ބުއިން ހުއްޓާލާ ދުވަސްވަރު އެކަމަށް އެހީތެރިވެދޭނީ ކޮން ބައެއް ހެއްޔެވެ؟ (މިސާލު: އާއިލާގެ މީހުން، ރައްޓަހިން، ޞިއްޙީ އެހީތެރިޔާ...) އެހީތެރިވާނޭ މީހުންގެ ފޯނު ނަންބަރު ހޯދާށެވެ.
(4) - ސިގިރޭޓް ބުއިމުން ލިބޭ އުފަލަކީ ކޮބައިހެއްޔެވެ؟ އަދި ސިގިރޭޓާ ނުލާ އުފާ ހޯދޭނެ އެހެން ގޮތްތަކަކީ ކޮބައިހެއްޔެވެ؟
(5) - ހުއްޓާލާ ތާރީޚް ކަނޑައަޅާށެވެ. ހުއްޓާލާ ތާރީޚް: .......................................
(6) - އާއިލާ މީހުންނާއި، ރައްޓަހިން ގާތުގައި ހުއްޓާލާ ވާހަކަ ބުނާށެވެ.
       ބުނާނެ މީހުން : ................................. ފޯނު ނަންބަރު : .........................................
(7) - އާ ހުނަރުތަކާއި، ކުރާނެ ކަންތައްތައް ދަސްކުރާށެވެ.
(ހ) - ހުއްޓާލާ ފުރަތަމަ ދުވަސްތަކުގައި ދުވާލުގެ ތާވަލް ކޮންމެވެސް ވަރަކަށް ބަދަލުކޮށްލާށެވެ. އަދި ދުވާލުގެ ތާވަލްގައިވާ ކަންތައްތަކުގެ ތެރެއިން ބަދަލުކުރެވޭނެ ކަންތައްތައް ލިސްޓް ކުރާށެވެ.
(ށ) - ހާސްކަން (ސްޓްރެސް) ފިލުވާނެ ގޮތްތައް ދަސްކުރާށެވެ. ހާސްކަން ފިލުވަން ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.
·         ކަސްރަތުކުރުން
·         ހިނގާލަންދިއުން
·         ރައްޓެއްސަކާ ވާހަކަ ދައްކާލުން
·         ލަވަޖެހުން
·         ފުންކޮށް ނޭވާލުން
(ނ) - ސިގިރޭޓް ބޯން މެދުވެރިވާ ފަދަ ކަންތައްތަކާއި، ތަންތަން ފާހަގަ ކުރާށެވެ. އަދި އެކަންތައްތަކާއި ދުރުވެވޭނެ ގޮތްތައް ހޯދާށެވެ. މިސާލު: ނިދާ ހޭލާ ވަގުތު، ކޮފީބޯވަގުތު، ސައިބޯވަގުތު، ކައިނިމިގެން، ނިދަން އޮށޯންނަ ވަގުތު، ރައްޓަހިންނާއެކު ހޭދަކުރާ ވަގުތު.
މިސާލު: އާންމުކޮށް ކޮފީ އާއެކު ސިގިރޭޓް ބޯނަމަ، ކޮފީގެ ބަދަލުގައި ޖޫސް ނުވަތަ ފެން ބޯށެވެ.
ކަންތައްތައް / ތަންތަން : ..............................       ހަދާނެގޮތް : ...........................................
(ރ) -ކޮންމެ ދުވަހަކު ވެސް ކޮށްލާނެ ހިތްހަމަޖެހޭ ކަމެއް ޚިޔާރުކުރާށެވެ.
(ބ) - ފޮލޯއަޕް ހެދުމަށް ހުއްޓާލުމަށް އެހީތެރިވެދޭނެ މީހަކު، ބައްދަލުކުރާނެ ދުވަސްތަކާއި، ގަޑިތައް :
·         ހުއްޓާލާތާ 1 ނުވަތަ 2 ދުވަސް ފަހުން  (ތާރީޚް)
·         އެއް މަސްދުވަސް ވަންދެން ހަފްތާއަކު 1 ފަހަރު (ތާރީޚްތައް)
·         6 މަސް ދުވަސް ވަންދެން މަހަކު 1 ފަހަރު (ތާރީޚްތައް)

ހުއްޓާލުމަށް ތައްޔާރުވުން
ހުއްޓާލާ ތާރީޚް ގެ 4 ދުވަސްކުރިން :
·         ހުއްޓާލާން ބޭނުންވާ ސަބަބާމެދު ޚިޔާލުކުރަން ފަށާށެވެ.
·         ރައްޓަހިންނާއި އާއިލާގެ މީހުންނާއި، ތިމާގެ މީހުން ކައިރީގައި ހުއްޓާލަން މަސައްކަތްކުރާ ވާހަކަ ބުނާށެވެ.
·         ސިގިރޭޓް ގަންނަ މިންވަރު މަދުކުރާށެވެ. ސިގިރޭޓް ފޮށި ގަތުން ހުއްޓާލާށެވެ.

ހުއްޓާލާ ތާރީޚް ގެ 3 ދުވަސްކުރިން :
·         ސިގިރޭޓް ބޯން ބޭނުންވާ ވަގުތާއި، ސަބަބަތަކަށް ސަމާލުކަން ދޭށެވެ.
·         ސިގިރޭޓް ފިޔަވައި އަތުގައި ގެންގުޅެވޭނެ އެހެން އެއްޗަކާމެދު ޚިޔާލުކުރާށެވެ.
·         ސިގިރޭޓް ބޯން ބޭނުންވާ މާހައުލުތައް ބަދަލުކުރުމާމެދު ވިސްނާށެވެ.

ހުއްޓާލާ ތާރީޚް ގެ 2 ދުވަސްކުރިން :
·         ސިގިރޭޓް ގަތުން ހުއްޓާލުމުން އެފައިސާ ޚަރަދުކުރާނެ ގޮތް، ނުވަތަ ހަދާނެގޮތް ކަނޑައަޅާށެވެ.
·         އިތުރަށް އެހީ ބޭނުންވާނަމަ، މިކަމަށް ޚިޔާރުކުރާނެ މީހަކު ފާހަގަކޮށްފައި ބަހައްޓާށެވެ.

ހުއްޓާލާ ތާރީޚް ގެ 1 ދުވަސްކުރިން :
·         ލައިޓަރު، އަޅިކެނޑި ފާޑުގެ ހުރިހާ އާލާތެއް ނައްތާލާށެވެ.
·         އަތުގައި ސިގިރޭޓް ފަދަ އެއްވެސް އެއްޗެއް ހުރިނަމަ ނައްތާލާށެވެ.
·         ތަންމަތި، އަދި ހެދުން ފަދަ ތަކެތި ދޮވެ ސާފުކޮށް، ސިގިރޭޓް ވަސް ފިލުވާލާށެވެ.

ހުއްޓާލާ ދުވަސް
·         ވަރަށް އަވަދިނެތި އުޅޭށެވެ.
·         ރައްޓަހިންނާއި، ގާތްތިމާގެ މީހުންނާއި، އާއިލާ މީހުން ކައިރީގައި މިއަދަކީ ހުއްޓާލާ ދުވަސް ކަން ބުނާށެވެ.
·         މަސްތުވާ ތަކެއްޗާއި، އެފަދަ އެހެން ތަކެއްޗާއި ދުރުހެލިވެ ހުންނާށެވެ.
·         އަމިއްލައަށް އުފާވާ ފަދަ ޚާއްޞަ ކަމެއް ކޮށްލާށެވެ.

ހުއްޓާލައިގެން ދެމިހުރުމަށް
v      ކޮންމެ ދުވަހަކު ވެސް އެދުވަހަކު ދުންފަތާއި ނުލާހުރުމަށް އަޒުމު ކަނޑައަޅާށެވެ.
v      ސިގިރޭޓް ބުއިމަށް ލިބޭ ދައުވަތުތައް ގަބޫލުނުކުރާށެވެ. ސާފުބަހުން ނޫނެކޭ ބުނާށެވެ.
v      ސިގިރޭޓް ބޯހިތްވާ ކޮންމެ ފަހަރަކު ހުއްޓާލި ސަބަބުގެ މަތިން ހަދާން އާކޮށްލާށެވެ.
v      ސިގިރޭޓާ ނުލާ ހޭދަކުރާ ދުވަސްތައް ގުނަމުން ގެންދާށެވެ. އަދި ކާމިޔާބީ ފާހަގަކޮށް އަމިއްލަ ނަފުސަށް ހިތްވަރު ދޭށެވެ.
v      ސިގިރޭޓް ބޯހިތްވާ ވަގުތުތަކުގައި ޗުއިންގަމް، ތަރުކާރީ، އަދި މޭވާ ފަދަ އެއްޗެއް ކާލާށެވެ.
v      ސިގިރޭޓް ހިފަން އާދަވެފައިވާ އަތުގައި ގެންގުޅެލާނެ އެއްޗެއް ފައިސާ ފޮއްޗެއް ނުވަތަ ފަންސުރެއް ހޯދާށެވެ.
v      ވަރަށް ގިނައިން ދިޔާއެއްޗެތި ބޯށެވެ.
v      ހުއްޓާލާ ފުރަތަމަ ދުވަސްކޮޅުގައި ސިގިރޭޓް ބޯ ރައްޓަހިންނާއެކު ހޭދަކުރާ ވަގުތު މަދުކުރާށެވެ.

ސިގިރޭޓާ ދުރުވާކަމުގެ ނިޝާންތައް
o        ބޮލުގައި ރިހުން : މިކަން ހައްލުކުރުމަށް ފުންކޮށް ނޭވާލުން ފަދަ ހުނަރެއް ދަސްކޮށްގެން، ހާސްކަން ފިލުވަން ދަސްކުރާށެވެ.
o        އިގިލިތަކުގެ ކޮޅު ހީލިކެރުވުން : ސިގިރޭޓްގެ ސަބަބުން ލޭދައުރުވުމުގައި މައްސަލަ ހުރެފައި ރަގަޅަށް ލޭދައުރުވާން ފަށައެވެ.
o        ބަނޑުހަރުވުން، މޭބޮޑުވުން، އަދި ބަނޑުދިޔާވުން : ގިނައިން ފެން ބޯށެވެ. އަދި ތަރުކާރީ ކާ މިންވަރު އިތުރުކުރާށެވެ.
o        ކަންތައްތަކުގައި ހިތް އަވަސްވުމާއި، ނިދުމަށް އުދަނގޫވުން : މިއިހުސާސްތައް ދުވަސްކޮޅެއްގެ ތެރޭގައި ފިލައިގެންދާނެއެވެ.
o        ކެއްސުން : މިއީ ފުއްޕާމޭ ސާފުވަމުންދާ ކަމުގެ ނިޝާންތަކެވެ.
o        ރުޅިއައުމާއި، ދެރަވުން، އަދި ހިތް ނުތަނަވަސްވުން ފަދަ އިހުސާސްތައް : ސިގިރޭޓް ދޫކޮށްލުމަކީ ބައިވެރިއެއް ދޫކޮށްލުން ފަދަ ކަމެކެވެ. ވީމާ މިފަދަ އިހުސާސްތައް ކުރެވުމަކީ އާދައިގެ ކަމެކެވެ. އަދި ދުވަސްކޮޅަކުން އެކަންތައްތައް ފިލައިގެންދާނެ އެވެ.
o        ކާހިތްވާލެން ގިނަވުން : ސިގިރޭޓް ބުއިން ހުއްޓާލުމުން، ކާއެއްޗެތީގައި ރަހަލާ މިންވަރު އިތުރުވުމާއި، ހަޖަމުކުރާ ނިޒާމްގެ މަސައްކަތް ރަގަޅުވުމުގެ ސަބަބުން ބަނޑުހައިވާލެން އަވަސް ވެއެވެ. ވީމާ ފައިދާހުރި ކާނާއާއި ދިޔާތަކެތި އިތުރުކުރާށެވެ.

ސިގިރޭޓް ބޯހިތްވުން
ސިގިރޭޓް ބުއިން ހުއްޓާލާ ފުރަތަމަ ދުވަސްކޮޅު އާދަޔާ ޚިލާފަށް ސިގިރޭޓް ބޯހިތްވުމަކީ ގިނައިން ވާކަމެކެވެ. އަދި ހުއްޓާލައިގެން ހުންނަތާ ދިގުމުއްދަތަކަށް ފަހުގައި ވެސް ކުއްލިއަކަށް ސިގިރޭޓް ބޯހިތްވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ކޮންމެ ވަގުތެއްގައި ވެސް އެންމެ މުހިއްމު ކަމަކީ "ކްރޭވިންގްސް" އަމަލުނުކޮށް ލަސްކޮށްލުމެވެ. (ސިގިރޭޓް ނުބޮއި މަޑުކޮށްލުމެވެ. ). މިސާލަކަށް ބޯހިތްވާ ޚިޔާލު އަންނަހިނދު، އެހެންކަމަކަށް ޚިޔާލު ބަދަލުކޮށްލުން، އަދި ތިމަންނަ އެބަ ސިގިރޭޓް ބޯހިތްވެޔޭ އަމިއްލަ ނަފްސަށް ބުނެދިނުން މުހިއްމެވެ.
ސިގިރޭޓް ބޯން ހިތަށްއަރާ ކޮންމެ ފަހަރަކު ތިރީގައިވާ ކަންތައްތަކުން ކޮންމެ ވެސް ކަމެއް ކޮށްލެވިދާނެ އެވެ.
ހ- ފެނާއި އެނޫންވެސް ދިޔާތަކެތި ގިނައިން ބުއިން
ށ- ކޮންމެ ވެސް އެހެން ކަމެއްގައި މަޝްޣޫލްވުން
ނ- ފެންވަރާލުން
ރ- ބާރަށް ހިނގާލުން
ބ- ސިގިރޭޓް ބުއިން ހުއްޓާލާފައިވާ ރައްޓެއްސަކާ ވާހަކަ ދައްކާލުން
ޅ- ޞިއްޙީ އެހީތެރިޔާ އާއި ބައްދަލުކޮށް ސިގިރޭޓް ބޯން ބޭނުންވާ ވާހަކަ ބުނާށެވެ.
ކ- ހުއްޓާލަން ބޭނުންވި ސަބަބާމެދު ޚިޔާލުކޮށް ހަދާންކޮށްލާށެވެ.
އަދި މީގެ އިތުރުން މައްސަލަތައް ކުރިމަތިވާ، ނުވަތަ ފިކުރު ބޮޑުވާ ކޮންމެ ފަހަރަކު، ސިގިރޭޓް ބޯން އާދަވެފައިވާ މީހަކުނަމަ، މައްސަލަ ކުރިމަތިވާ ވަގުތު ސިގިރޭޓް ބޯހިތްވެއްޖެނަމަ އެތަނަކުން އަވަހަށް ދާށެވެ. އަދި ފަހުން އެމައްސަލަ ހައްލުކުރާށެވެ. ގިނަ މީހުން ދެކޭގޮތުގައި ސިގިރޭޓް ބުއިން ހުއްޓާލައިފިނަމަ، ކުއްލިއަކަށް ފަލަވާން ފަށާނެ އެވެ. ނަމަވެސް މިއީ މިކަން އޮންނަ ގޮތެއް ނޫނެވެ. ފަލަވެދާނެ ކަމުގެ ބިރަށް ސިގިރޭޓް ބުއިން ހުއްޓާނުލާ ހުރުމަކީ އެއްގޮތަކަށް ވެސް ބުއްދިވެރި ކަމެއް ނޫނެވެ. ފައިދާހުރި ކާނާއި، ކެއުމުގެ އާދަތައް ރަގަޅުކޮށް، ގަވާޢިދުން ކަސްރަތުކުރާނަމަ، ސިގިރޭޓް ބުއިން ހުއްޓާލުމަށްފަހު، އެއްގޮތަކަށްވެސް ބަރުދަން އިތުރުވިޔަނުދީ ހިފެހެއްޓިދާނެ އެވެ. ނުވަތަ ބަރުވާ މިންވަރު ކުޑަކުރެވިދާނެ އެވެ.

ސިގިރޭޓް ބުއިން ހުއްޓާލުމާއި ހަށިގަނޑުގެ ބަރުދަން އިތުރުވުމާއި ހުރި ގުޅުން
ސިގިރޭޓް ބުއިން ހުއްޓާލުމުން ބައެއް މީހުންގެ ބަރުދަން އިތުރުވެއެވެ. އެއީ ސިގިރޭޓް ބުއިން ހުއްޓާލުމުން:-
·         ރަހައާއި، ވަސްބެލުމުގެ ހިއްސު ރަގަޅުވެ، ކާއެއްޗެތީގެ ރަހަ މީރުވާތީ އެވެ.
·         އާދަޔާ ޚިލާފަށް ފޮނި އެއްޗެހި ކާހިތްވާތީ އެވެ.
·         ސިގިރޭޓް ބުއިން ހުއްޓާލުމުން ދުވާލަކު 200 – 100 އާއި ދެމެދުގެ އަދަދަކަށް ހަށިގަނޑަށް ބޭނުންވާ ކެލޮރީސް މަދުވާތީ އެވެ.
·         ސިގިރޭޓް ބޯހިތްވާ ވަގުތުތަކުގައި ކޮންމެ ވެސް ކާއެއްޗެއް ކެއުމަށް އާދަވާތީ އެވެ.
ވީމާ ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ބެހެއްޓުމަށް، ނުވަތަ ދަށްކުރުމަށް ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތައް ޚިޔާރު ކުރެވިދާނެ އެވެ.
·         ތެލުލި ތަކެތި ކެއުމުގެ ބަދަލުގައި ފެނުކެއްކި ނުވަތަ ފިހުނު ތަކެތި ކެއުން
·         ކެއުމުގައި ތަރުކާރީ އާއި މޭވާ އިތުރުކުރުން
·         ބަޓަރާއި މާޖިރީން ފަދަ ތަކެތި ކެއުން މަދުކުރުން
·         މަސްދަޅު ފަދަ ތަކެތި ބޭނުންކުރާއިރު ތެޔޮ މަސް ދަޅުގެ ބަދަލުގައި ފެން މަސްދަޅު ބޭނުންކުރުން
·         ގިނައިން ފެންބުއިން
ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް ފެން ބުއިން ވަރަށް މުހިއްމެވެ. މިގޮތުން މަދުވެގެން ދުވާލަކު 8 ތަށި ބޯނަމަ ހަށިގަނޑުގައި އަށަގެންފައިވާ ނިކޮޓީންތައް ބޭރުކުރުމަށް އެހީތެރިވެދެއެވެ. ކެއުން ކޮންޓްރޯލްކުރުމަކީ ބަރުދަން ލުއިކުރުމުގެ އެއްބައެވެ. އަނެއްބަޔަކީ ކަސްރަތެވެ. ވީމާ ގަވާއިދުން ކަސްރަތުކުރުން ވަރަށް މުހިއްމެވެ. ސިގިރޭޓްގެ އަޅުދާސްތުކަމުން ދުރުވެ، ކެއުމަށް އަޅުދާސްވުން ބުއްދިވެރިއެއް ނޫނެވެ.

އަލުން ސިގިރޭޓް ބޯންފެށުން
2 ހަފްތާ ވަންދެން ސިގިރޭޓާ ނުލާ ހުރުމަކީ ވަރަށް ހިތްވަރުގަދަ ކަމެކެވެ. އެހާތަނުން އެންމެ އުދަނގޫވާނެ ދުވަސްތައް އެކަނޑަތު ކުރެވުނީ އެވެ. މިހާ ހިސާބުން ސިގިރޭޓް ބުއިން ހުއްޓާލުމުގެ ބައެއް ފައިދާތައް ފެންނާން ފެށުން އެކަށީގެން ވެއެވެ. އޭގެ ތެރޭގައި ނޭވާލާން ފަސޭހަވުން، ފުއްޕާމޭ ބާރުގަދަވުން، ބުންވަރު ރަގަޅުވުން، އަމިއްލަ ނަފުސަށްކުރާ އިތުބާރު ބޮޑުވުން، ފަދަ ކަންތައްތައް ހިމެނެއެވެ. ނަމަވެސް އަލުން ސިގިރޭޓެއް ބޯލެވުމަކީ އެކަށީގެންވާ ކަމެކެވެ. މިހެންވެއްޖެނަމަ އަވަހަށް ހުއްޓާލި ހިސާބުން ޕްލޭނުގައިވާ ގޮތަށް ކަންތައްތައް ކުރާށެވެ. އެކަމާ ދެރަވެ، މާޔޫސްނުވާނެޔޭ ހިތަށްއަރައި، ކުރިޔެކޭ އެއްވަރަށް ސިގިރޭޓް ބޯންފެށުމުގެ ބަދަލުގައި، ހިތްވަރު ގަދަކޮށްފައި އަލުން ހުއްޓާލާށެވެ. އަދި ސިގިރޭޓް ބޯހިތްވާން މެދުވެރިވި ސަބަބަކާމެދު، ޞިއްޙީ އެހީތެރިޔާއާއި މަޝްވަރާކުރާށެވެ.

ސިގިރޭޓް ބޯން ފެށިއްޖެނަމަ ވަގުތުން ކުރަންވީ ކަންތައްތައް
·         ސިގިރޭޓް ބޯން މެދުވެރިވި ސަބަބު ދެނެގަނެ އެކަމެއް ދެވަނަ ފަހަރު ނުކުރުން
·         ސިގިރޭޓް ވަގުތުން ދުރަށް އެއްލާލުން، އަދި އެތަނުން ވަގުތުން ދުރަށްދިއުން
·         ވަގުތުން އެހީތެރިވާނެ މީހަކަށް ގުޅުން ނުވަތަ ބައްދަލުކޮށް ވާހަކަ ދައްކާލުން
·         އެއް ސިގިރޭޓަށްވުރެ ގިނައިން ބޮވިއްޖެނަމަ އަވަހަށް ހުއްޓާލާށެވެ.
·         ކުރިޔެކޭ އެއްވަރަށް ބޯންފެށިއްޖެނަމަ އެއްމަސް ދުވަހުގެ ތެރޭގައި ހުއްޓާލާނެ ދުވަހެއް ކަނޑައެޅުން
·         ހުއްޓާލައިގެން ހުރުމަށް ކުރިން އެހީތެރިވެދިން ކަންތައްތައް ހަދާންކޮށްލުމަށްފަހު، އިތުރަށްކުރެވިދާނެ ކަންތައްތައް ފާހަގަކުރުން
މައުލޫމާތު :
·         ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާމީހާގެ އަތްމަތީ ފޮތް – މިނިސްޓްރީ އޮފް ހެލްތު

ދުންފަތުގެ ދުމުން ލިބޭ ގެއްލުންތައް

ނުސީދާކޮށް ދުންފަތުގެ އިސްތިޢުމާލުކުރުން
ނުސީދާގޮތެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެހެން މީހަކު ދުންފަތުގެ އިސްތިއުމާލުކުރުމުން ބޭރުވެގެންދާ ދުން އެކަން ނުކުރާ މީހެއްގެ ހަށިގަނޑަށް ވާޞިލްވުމެވެ. މައިމީހާ އަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހަކަށްވެފައި ބަފައި މީހާއަކީ ދުންފަތު އިސްތިއުމާލު ކުރާ މީހެއްނަމަ، ބަފައި މީހާ މައިމީހާގެ ކައިރީގައި ހުރެގެން ދުންފަތުގެ އިސްތިއުމާލު ކުރާ ހިނދު، މައިމީހާގެ ހަށިގަނޑަށް ދުންފަތުގެ ދުން ވިހަ މާއްދާތަކާއެކު ވާޞިލްވެގެން ދެއެވެ. ނަތީޖާ އަކީ ބަނޑުގައިވާ ތުއްތު ދަރިފުޅަށް އޭގެ ނޭދެވޭ އަސަރު ކުރުމެވެ.


ނުސީދާ ދުމުން އިންސާނާގެ ހަށިގަނޑަށް ގެއްލުންވާކަން ފުރަތަމަ ހޯދިފައިވަނީ 1981 ވަނަ އަހަރު ޖަޕާނުގެ ޢިލްމު ވެރިއެއް ކަމުގައިވާ "ޓަކޭޝީ ހިރަޔާމާ" ހެއްދެވި ދިރާސާ އަކަށް ފަހު އެވެ. އެއީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހަކާ ކައިވެނިކޮށްގެން އުޅުނު ދުންފަތުގެ އިސްތިޢުމާލުނުކުރާ އަންހެނަކަށް ފުއްޕާމޭގެ ކެންސަރު ޖެހުމުންނެވެ. އޭގެ ފަހުން އެތަކެއް ދިރާސާތަކެއްގައި ނުސީދާ ދުމުން އިންސާނާގެ ހަށިގަނޑަށް ގެއްލުންވާ ކަމުގެ ޢިލްމީ ހެކިތައް ހޯދި ސާބިތުވެފައި ވެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި ނުސީދާ ދުމަށް ހުށަހެޅުމަކީ ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުޞަތު 20 އިންސައްތަ އިތުރުކުރާ ކަމެކެވެ. އަދި ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު 23 އިންސައްތަ އިތުރުކުރުވައެވެ. ދުންފަތުގެ ދުމަށް ހުށަހެޅުމުގައި ވަކި މިންވަރަކަށް ހުށަހެޅުމަކީ ރައްކާތެރި ކަމެކޭ ބުނެވޭކަން ނެތެވެ. މާނައަކީ ކިތައްމެ ކުޑަ މިންވަރަކަށް ހުށަހެޅުނު ނަމަވެސް އެކަމުގެ ގެއްލުން ހަށިގަނޑަށް ކުރާނެ އެވެ. ބައިނަލް އަގުވާމީ ފެންވަރެއްގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އެކުލަވާލައިފައިވާ މުއާހަދާ "ފްރޭމްވޯރކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް" ގެ 8ވަނަ އާޓިކަލް ގައި ބުނާގޮތުން " ދުންފަތުގެ ދުމަށް ހުށަހެޅުމުގައި ރައްކާތެރި މިންގަނޑެއް ނުވެއެވެ". 

ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުގައި މަރުވާ މީހުންގެ ތެރެއިން 6 ލައްކަ މީހުން ދުނިޔެދޫކޮށްދަނީ އެހެންމީހުން ދުންފަތުގެ އިސްތިއުމާލުކުރުމުން ބޭރުވާ ދުމަށް ހުށަހެޅުމުގެ ސަބަބުންނެވެ. ނުވަތަ ނުސީދާގޮތެއްގައި ދުންފަތުގެ ދުމަށް ހުށަހެޅުމުންނެވެ. ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ކުދިން ނޭވާލަނީ ދުންފަތުގެ ދުމުން ތަޣައްޔަރުވެފައިވާ މާހައުލަށް ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި އާބާދީގެ 40 އިންސައްތަ ކުދިންގެ މައިންބަފައިންގެ ތެރެއިން ކޮންމެވެސް އެކަކު ދުންފަތުގެ އިސްތިޢުމާލު ކުރެއެވެ. މާނައަކީ ގޭތެރެއިން އެކުދިން ދުންފަތުގެ ދުމަށް ހުށަހެޅެއެވެ.  ދުންފަތުގެ ދުމަށް ހުށަހެޅިގެން މަރުވާ މީހުންގެ ތެރެއިން 31 އިންސައްތަ އަކީ ކުޑަކުދިންނެވެ. ގޭތެރެއިން ދުންފަތުގެ ދުމަށް ހުށަހެޅުމަކީ ދުންފަތުގެ އިސްތިޢުމާލުކުރަން ފެށުން އަވަސްކުރާ ކަމެކެވެ. ނުވަތަ ދުންފަތުގެ އިސްތިޢުމާލުކުރުމަށް މަގުފަހިކުރާ ކަމެކެވެ.

2007 ވަނަ އަހަރު ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 7، 8، 9 އަދި 10 ގެ ދަރިވަރުންގެ މެދުގައި ކުރެވުނު ގްލޯބަލް ޔޫތު ޓޮބޭކޯ ސާރވޭގެ ނަތީޖާ އިން އެގުނު ގޮތުގައި ޖުމުލަ 48.7 އިންސައްތަ ކުދިން ބުނިގޮތުގައި އެކުދިންގެ ގޭގައި އެހެންމީހުން ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. އަދި ގެއިން ބޭރުގައި އުޅޭއިރު 69 އިންސައްތަ ކުދިން އުޅެނީ ދުންފަތުގެ އިސްތިއުމާލު ކުރާމީހުން އުޅޭތަންތާގައެވެ. 49 އިންސައްތަ ކުދިން ގެ މައިންބަފައިން ކުރެ މަދުވެގެން އެކަކު ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. 6.7 އިންސައްތަ ކުދިންގެ ހުރިހާ ނުވަތަ ގިނަ ރައްޓެހިން ދުންފަތުގެ އިސްތިއުމާލު ކުރެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުން ހަށިގަނޑަށް އެތެރެވެގެންދާ ދުމުގައި 7000 އަށްވުރެ ގިނަ ކެމިކަލް އެކުލެވިފައި ވެއެވެ. އޭގެ ތެރޭގައި 250 އަށްވުރެ ގިނަ ހަށިގަނޑަށް ގެއްލުންދެނިވި، ތަފާތު ވިހަ ކެމިކަލްތައް ހިމެނެއެވެ. އަދި އޭގެތެރެއިން 70 ވަރަކަށް ކެމިކަލް އަކީ ކެންސަރު ޖެހުމަށް މަގުފަހިކުރާ މާއްދާތަކެއްކަން ވަނީ ހޯދިފައެވެ. އެގޮތުން މިދުމުގެ ތެރޭގައި ހިމެނޭ ވިހަ ކެމިކަލްތަކުގެ ތެރޭގައި ނިކޮޓީން، ތާރު، ކާބަން މޮނޮކްސައިޑް، ނައިޓްރޯޖަން އޮކްސައިޑް، ހައިޑްރޯޖަން ސައިނައިޑް، އެމޯނިޔާ، ބެންޒީން، ވިހާރަކަ، ތިމަރަ، ކެޑްމިއަމް، އަދި މިނޫނަސް ހަށިގަނޑަށް ގެއްލުންދެނިވި މާއްދާތައް ވެސް ހިމެނެއެވެ. މިމާއްދާތަކުގެ ތެރޭގައި އޭގެ ސަބަބުން ކެންސަރު ޖައްސަނިވި ބައެއް މާއްދާތައް ހިމެނޭކަން ވެސް ފާހަގަކޮށްލަން ޖެއެވެ.
މާބަނޑު އަންހެނާ
ތުއްތު ދަރިފުޅު / ކުޑަކުދިން
ބޮޑެތި މީހުން
ü      ދުވަސް ނުފުރާ ވިހެއުން
ü      ބައިގެން ދިއުން
ü      ވިހާއިރު ދަރިފުޅު މަރުވެފައި އޮތުން
ü      ވިހާއިރު ބަރުދަން ލުއިވުން
ü      ދަރިފުޅު އުފެދުމުގައި އައިބު ހުރުން
ü      ރަހިމުން ބޭރުގައި ގަރުބަގަތުން
ü      މާބަނޑު ދުވަސްވަރު ރަހިމުން ލޭފޭބުން
ü      މާބަނޑުދުވަސްވަރާއި ވެހުމުގައި ދިމާވާ އެކި ނުރައްކާތައް

ü      ވިހާއިރު ދަރިފުޅު މަރުވެފައި އޮތުން
ü      ވިހާއިރު ބަރުދަން ލުއިވުން
ü      ދަރިފުޅު އުފެދުމުގައި އައިބު ހުރުން
ü      ޅަފަތުގައި ކުއްލިއަކަށް މަރުވުން
ü      ނޭވާ ހިއްލުން
ü      ފުއްޕާމޭގެ އިންފެކްޝަން : ނިއުމޯނިޔާ، ވައިނޮޅީގެ ކަފި ދުޅަވުން، ކެއްސުން
ü      ވިސްނުމުގެ އުނިކަން
ü      ކަންފަތުގެ އިންފެކްޝަން
ü      ހެދިބޮޑުވުމަށް ހުރަސްއެޅުން
ü      ވަސް ރަގަޅަށް ނުދުވުން

ü      ފުއްޕާމޭގެ ކެންސަރު ޖެހުން
ü      ނޭވާ ހިއްލުން
ü      ކުރިޔަށް ހުރި ނޭވާލާ ނިޒާމާއި ގުޅުންހުރި މައްސަލަތައް އިތުރަށް ގޯސްވުން މިސާލަކަށް: ނޭވާހިއްލުން
ü      ލޭހޮޅިތައް ބެދުން
ü      ހާޓްއެޓޭކް ޖެހި ހިތް ހުއްޓުން
ü      ސްޓްރޯކްޖެހި ވާގިނެތުން
ü      ލޯކަރާ ފެންއައިސް، މާގިނައިން އެސްފިޔަޖެހުން
ü      ނޭފަތުތެރެ ހިރުވުން
ü      އިސްތަށިގަނޑުން ނުބައިވަސް ދުވުން
ü      އެކިވައްތަރުގެ ކެންސަރު ޖެހުން : މިސާލަކަށް އަނގައިގެ ކެންސަރު، ކަރުގެ ކެންސަރު، އުރަމަތީގެ ކެންސަރު ފަދަ ކެންސަރުތައް


ދުންފަތުގެ ދުމަށް ހުށަހެޅުމުން ތުއްތު ކުދިންނަށް ކުރާ އަސަރު
ü      ވިހާއިރު ދަރިފުޅު މަރުވެފައި އޮތުން
ü      ވިހާއިރު ބަރުދަން ލުއިވުން
ü      ދަރިފުޅު އުފެދުމުގައި އައިބު ހުރުން
ü      ޅަފަތުގައި ކުއްލިއަކަށް މަރުވުން
ü      ނޭވާ ހިއްލުން
ü      ފުއްޕާމޭގެ އިންފެކްޝަން : ނިއުމޯނިޔާ، ވައިނޮޅީގެ ކަފި ދުޅަވުން، ކެއްސުން
ü      ވިސްނުމުގެ އުނިކަން
ü      ކަންފަތުގެ އިންފެކްޝަން
ü      ހެދި ބޮޑުވުމަށް ހުރަސް އެޅުން
ü      ވަސް ރަގަޅަށް ނުދުވުން
ދުންފަތުގެ ދުމަށް ހުށަހެޅުމުން މާބަނޑު މީހާއަށް ކުރާ އަސަރު
ü      ދުވަސް ނުފުރާ ވިހެއުން
ü      ބައިގެން ދިއުން
ü      ވިހާއިރު ދަރިފުޅު މަރުވެފައި އޮތުން
ü      ވިހާއިރު ބަރުދަން ލުއިވުން
ü      ދަރިފުޅު އުފެދުމުގައި އައިބު ހުރުން
ü      މާބަނޑުދުވަސްވަރާއި ވެހުމުގައި ދިމާވާ އެކި ނުރައްކާތައް
ނުސީދާ ދުމުން ބޮޑެތި މީހުންނަށް ކުރާ އަސަރު
ދުންފަތުގެ އިސްތިޢުމާލު ކުރާމީހެއްގެ ގާތުގައި އުޅޭ މީހުން އޭނާގެ އަނދަމުންދާ ސިނގިރޭޓްގެ ކޮޅުން ނުކުންނަ ދުމާއި އަދި ސިގިރޭޓް ބޯއިރު ބޭރަށް ނޭވާލުމުން ނުކުންނަ ދުމަށް ހުށަހެޅެއެވެ. މިގޮތަށް ސިގިރޭޓް ބޯމީހުން އުޅޭ ގެއެއްގައި އުޅޭ މީހުންނާއި، މިޢަމަލުކުރާ ހޮޓާ،ރެސްޓޯރަންޓްފަދަ ތަންތާންގައި މަސައްކަތް ކުރާ މީހުންނާއި ރައްޓެހިންގެ ގްރޫޕެއްގައި ހިމެނޭ ސިގިރޭޓްނުބޯ މީހުން އާދަވެގެން ސިގިރޭޓްބޯ މީހެއްގެ "ނުސީދާ ދުމަށް" ހުށަހެޅުމުން މައިގަނޑު ގޮތެއްގައި ބޮޑެތި މީހުންނަށް ދިމާވާ ޞިއްޙީ ގެއްލުންތަކަކީ:
ü      ފުއްޕާމޭގެ ކެންސަރު ޖެހުން
ü      ނޭވާ ހިއްލުން
ü      ކުރިޔަށް ހުރި ނޭވާލާ ނިޒާމާއި ގުޅުންހުރި މައްސަލަތައް އިތުރަށް ގޯސްވުން މިސާލަކަށް: ނޭވާހިއްލުން
ü      ލޭހޮޅިތައް ބެދުން
ü      ހާޓްއެޓޭކް ޖެހި ހިތް ހުއްޓުން
ü      ސްޓްރޯކްޖެހި ވާގިނެތުން
ü      ލޯކަރާ ފެންއައިސް، މާގިނައިން އެސްފިޔަޖެހުން
ü      ނޭފަތުތެރެ ހިރުވުން
ü      އިސްތަށިގަނޑުން ނުބައިވަސް ދުވުން
ü      އެކިވައްތަރުގެ ކެންސަރު ޖެހުން : މިސާލަކަށް އަނގައިގެ ކެންސަރު، ކަރުގެ ކެންސަރު، އުރަމަތީގެ ކެންސަރު ފަދަ ކެންސަރުތައް